އިންޑިއާއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެކި ބޭނުންތަކުގައި އިންޑިއާއަށް ދިވެހިން ދަތުރު ކުރާ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އިންޑިއާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވިސާ ލިބުމުގެ ދަތިކަން ކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑުގެ މިދަތުރުގައި، އިންޑިއާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިގޮތުގައި މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސްގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލު އަހުވާލު އޮޅުންފިލުއްވިއެވެ.