ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ގޮތުން މިމަހުގެ ދެވަނަ ދުވަހުގެ ރޭ މެންދަމު މަޖިލީހުގެ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އެފަރާތްތަކާ މެދު ދައުވާކޮށްދިނުމަށް އިދިކޮޅުން އެދިއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަރާތުން ފައްޓަވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަަމަށެވެ. އެހެންކަމުން ފުލުހުންގެ ފަރާތުން ކުރިއަށްގެންދާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއްކަން ކަށަވަރުކުރުމުގެ ގޮތުން އެ ތަހުގީގުގެ ކަންތައްތައް ކުރިއަށްދާ ގޮތް ވީހާވެސް ގާތުން ބައްލަވަމުން ގެންދެވުމަކީ އެ ކޯލިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަަދި އެކަން އެގޮތަށް ކޮށްދެއްވުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.
އެ ކޯލިޝަނުން ޝަމީމަށް ފޮނުވި ސިޓީގައި ބުނީ އެ އަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށްދެއްވުމަށް އެދޭ ކަމަށެވެ.
އެ ކޯލިޝަނުން ޕީޖީ ޝަމީމަށް ފޮނޮވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެރޭ ޝިޔާމަށް އަނިޔާކޮށް، މާރާމާރީ ހިންގައިފައިވާ ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހިންގުމަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ އަދި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާތީ ކަމަށް ބުނެ، އިދިކޮޅު މެންބަރުން ދަނީ މަޖިލިސް ޖަލްސާތައް ވެސް ބޮއިކޮޓް ކުރަމުންނެވެ.