ޚަބަރު

ރިސާޗް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެވިޑް ކޮލެޖުން ވެބިނާ ސީރީސްއެއް ބާއްވަނީ

އަލީ ޔާމިން

އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން އޮންލައިން ވެބިނާ ސީރީސްއެއް ބާއްވަން ނިންމައިފި އެވެ.

އެ ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ޑީން ނާހީދު ރަޝާދު ވިދާޅުވީ، އެ ސެމިނާ ސީރީސްގެ މައިގަނޑު މަގުސަދަކީ، މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި މުދައްރިސުންގެ ކިބައިގައި އިލްމީ ދިރާސާ ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި އިލްމީ ދިރާސާ ކުރުމުގައި މަސްއޫލުވެ އުޅުމަށް ލޯބިޖެއްސުމުގެ އިތުރުން މުޖުތަމައުގައި އިލްމީ ދިރާސާ ކުރުމުގެ ވައްޓަފާޅި އަށަގެންނުވުން ކަމަށެވެ.

މި ވެބިނާ ސީރީސްގެ ފުރަތަމަ ތިން ސެޝަން ބާއްވާނީ މި ޖޫން މަހުގެ 22، 23، އަދި 24 ގައެވެ. މިތިން ސެޝަނަކީ ވެސް އެވިޑް ކޮލެޖްގެ ސީއެސްއާރުގެ ދަށުން، ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ އެކި ގައުމުތަކަށް ހުޅުވާލެވިގެން، ބައިވެރިންގެ ފަރާތުން އެއްވެސް ފީއެއް ނެގުމެއް ނެތި ހިލޭސާބަހަށް ބާއްވާ ސެޝަންތަކެކެވެ. ސެޝަންތަކުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓަރީކުރުމަށް https://forms.gle/3TzHEKrY4foeQwhY6 މި ލިންކް ބޭނުން ކުރެވޭނެ އެވެ.

ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ އަށް ކިޔަވާ ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި އިލްމީ ދިރާސާކޮށް ޝާއިއު ކުރުމަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ވެބިނާގައި ތަގުރީރު ކުރައްވާނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީ އެއް ކަމުގައިވާ "ޔުނިވާސިޓީ ސައިންސް މެލޭޝީއާ" ގެ ޕްރޮފެސަރު ޑޮކްޓަރު މުހައްމަދު ކަމަރުލް ކަބިލާން އެވެ.

ޕްރޮފެސަރު ޑޮކްޓަރު ކަބިލާން އަކީ އިލްމީ ދިރާސާކުރުމާއި ޕަބްލިޝްކުރުމުގައި ވަރަށް ފުންނާބު އުސްބޭފުޅެކެވެ. ގޫގުލް ސްކޮލާގައި އެބޭފުޅާގެ ލިޔުންތަކަށް ނަކަލުކޮށްފައިވާ އަދަދު 1900 އާއި ގާތް ކުރެއެވެ. މީގެ އިތުރުން އެބޭފުޅާއަކީ މަޝްހޫރު ޖާނަލްއެއް ކަމުގައިވާ "ބްރިޓިޝް ޖާނަލް އޮފް އެޑިޔުކޭޝަނަލް ޓޭކްނޮލޮޖީ" ގެ އެޑިޓޯރިއަލްބޯޑުގެ މެންބަރެއްވެސް މެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ވެބިނާ އަމާޒު ކުރެވިފައިވަނީ ހެދިފައިވާ ޕީއެޗްޑީ ތީސިސް، މާސްޓާސް ޑިޒާޓޭޝަން އަދި އެހެނިހެން ދިރާސާ ޕްރޮޖެކްޓްތައް ބައިނަލްއަގުވާމީ ގޮތުން ފުންނާބު އުސް ޕިއާ ރިވިއުޑް ޖާނަލް ތަކުގައި ޝާއިއު ކުރުމުގައި ލިޔަން ޖެހޭ އުސޫލުތަކާއި އުކުޅުތައް އުނގަންނައި ދިނުމަށެވެ.

ޒޫމް ބޭނުންކޮށްގެން އޮންލައިންކޮށް ބާއްާ މި ވެބިނާ ސީރީސް އަކީ، އިލްމީ ދިރާސާ ކުރުމާއި މަޝްހޫރު ޖާނަލްތަކުގައި ޝާއިއު ކުރުމާއި ބެހޭ އަގުހުރި މައުލޫމާތު، ގިނަ އަދައެއްގެ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ އެންމެބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެކި ދާއިރާތަކުން ތަފާތު ކޯސްތަކުގައި ދެހާހަށްވުރެ ގިނަކުދިން އެވިޑް ކޮލެޖްގައި މަތީ މަތީ ތައުލީމް ހާސިލްކުރަމުން ގެންދެއެވެ.