ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކަކީ ހިނގައިދިޔައީ އަނިޔާވެރި އަމަލުތަކެއް ކަމަށާއި އެ އަމަލުތަކާ ދެކޮޅަށް ރާއްޖޭގައި އިންސާފު ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުންއައި ސިޔާސީ ޕާޓީތަކުން އަޑުއުފުލަންޖެހޭ ކަމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުން ބުނެފިއެވެ.
މާދަމާގެ ޖަލްސާ ވެސް ބޮއިކޮޓްކޮށް ޕީޕީއެމް އާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ އަނިޔާވެރި އަމަލު ރާއްޖޭގައި އިންސާފާއި ހަމަހަމަކަމާއި ފުރިހަމަ ޑިމޮކްރަސީގެ ނިޒާމެއް ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުންއައި ސިޔާސީ ޕާޓީތަކާއި މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުން ވެސް ކުށްވެރި ކުރައްވައި، އެފަދަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް އެފަރާތްތަކުން ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވާ ފަދައިން އަނިޔާވެރިކަމާ ނާއިންސާފާ ދެކޮޅަށް މިހާލަތުގައި ވެސް ބަސްބުނަން ފަސްނުޖެހޭނެ ކަމަށް މި ކޯލިޝަނުން އުންމީދު ކުރަމެވެ،" ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ބޮއިކޮޓްކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިނުވާން ނިންމީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ އަދި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާތީ ކަމަށް ބުނެއެވެ.