ޚަބަރު

އޭޕްރިލް މަހު ލިބުނު އާމްދަނީ 65 ޕަސެންޓް ދަށަށް ހިނގައްޖެ

މިއަހަރުގެ އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 65 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޭޕްރިލް މަހު އާމްދަނީގެ ގޮތުގައި ލިބުނީ 648 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މިއީ 1.2 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިއަހަރުގެ އޭޕްރިލް މަހު ލިބުނު އާމްދަނީގެ ތެރެއިން 460.9 މިލިއަން ރުފިޔާ އަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއީ 960 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ އިތުރުން ޓެކްސް ނޫން އާމްދަނީ ވެސް މިދިޔަ އޭޕްރިލް މަހު ވަނީ 56 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 421 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އޭޕްރިލް މަހު އެ ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 185.6 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ވެސް ރިސޯޓް ކުލި ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 17.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ އަސަރާއި ގުޅުވައިގެން ދައުލަތު އާމްދަނީއަށް މިހާރު ކުރާ އަންދާޒާތަކުގެ ފަސް ސިނާރިއޯއެއް ވަނީ އެކުލަވާލައިފައެވެ.

އެގޮތުން ރާއްޖޭގެ ރާއްޖޭގެ މިހާރުގެ ހާލަތާ އެންމެ ކައިރިކުރާ ސިނާރިއޯއަކީ ތިންވަނަ ސިނާރިއޯއެވެ. އެ ސިނާރިއޯގައި މިއަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައާއި އެހެނިހެން ގޮތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ 15.2 ބިލިއަން ރުފިޔާއަށް ވެއްޓޭނެއެވެ.

އެ ސިނާރިއޯތަކަށް ބަލާއިރު އެންމެ ބޮޑު ދަށްވުމެއް އަންނާނެ ކަމަށް ބެލެވެނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ. އެއީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މިވަގުތު ހުއްޓުމަކަށް އައިސްފައި އޮތުމާއެކު ޓީޖީއެސްޓީ އާއި ގުރީން ޓެކްސް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ބޮޑުތަނުން ދަށްވާނެތީއެވެ.

ކޮވިޑާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެ ސިނާރިއޯ ހަތަރަކަށް ގޮސްފިނަމަ ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 13.3 ބިލިއަން ރުފިޔާއެވެ. އަދި ހާލަތު ގޯސްވެ، ސިނާރިއޯ ފަހަކަށް ގޮސްފިނަމަ ދައުލަތުގެ އާމްދަނީ 11.6 ބިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.