އިބްރާހިމް ޒަކީ
ކޮވިޑް 19 ރޯގާއާ ގުޅިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯދުންތަކާއި ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
މިކަމާބެހޭ ރިޕޯޓް އެމަނިކުފާނަށް އެރުވީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ރައްިޔތުންގެ މަޖިލީހުގެ އިދާރާއިިން ބުނެފައިވަނީ، މި ރިޕޯޓުގެ ބޭނުމަކީ، ކޮވިޑާ ގުޅިގެން ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަން ގަސްތުކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލިހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުން ކަމަށެވެ.
މ ރިޕޯޓުގައި ހިމެނޭ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި މިވަގުތު ރާއްޖެއަށް މާލީ އިގްތިސާދީ، އަދި އިޖްިތިމާއިގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްސީލާއި ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި، އާމްދަނީއަށް ވެގެންދާނެކަމަށް އަންދާ ކުރެވޭ ގޮތާއި، އެކަމުގެ ތަފްސީލް ހިމަނާފައި ވެއެވެ.
މީގެއިތުރުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރާއި، އަންދާޒާ ކުރެވޭނެ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ، އިތުރު އިޖުތިމާއި، މައްސަލަތަކާއި، ބޯހިޔާވައިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ ކަމަށް ލަފާކުރެވޭ ހާލަތުގެ މައުލޫމާތު ހިމަނާފައި ވެއެވެ.