ޚަބަރު

ޔޫއޭއީ އިން ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް ސާމާނު ހަދިޔާ ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓު ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީން މިތަކެތި ހަދިޔާ ކުރުމާއި ގުޅިގެން އެ ގައުމަށް ޝުކުރު ދަންނަވައިފައެވެ. އެގޮތުން ޔޫއޭއީގެ ވެރިންނާއި، ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް މިއަދު ފޮނުއްވި އެހީއަށްޓަކައި މިނިސްޓަރު ޝާހިދު ޝުކުރު އަދާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރާއްޖެއަށް ޔޫއޭއީން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ؛

  • 100،000 ސެނިޓައިޒާ ފުޅި
  • 225،000 ކޭއެން 95 މާސްކް
  • 2،500،000 ސާޖިކަލް މާސްކް
  • 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
  • 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރާއެކު)
  • 10،000 ފޭސް ޝީލްޑް
  • ޕީސީއާރު އެކްސްޓްރެކްޝަން މެޝިން
  • 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓު އަދި
  • 2 ރިއަލް ޓައިމް ޕީސީއާރު ސިސްޓަމް އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޔޫއޭއީން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭ ޕީސީއާރު މެޝިނުން ގަޑިޔަކު 96 ޓެސްޓު ހެދޭނެއެވެ. އަދި މިއީ ރާއްޖޭގައި ކޮވިޑް 19 އަށް ޓެސްޓުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ފާހަގަ ކުރިއެވެ.

ޔޫއޭއީން ރާއްޖެއަށް ހަދިޔާކުރި މެޑިކަލް އިކުއިޕްމަޓްތައް މިއަދު ރާއްޖެއަށް ގެނެސްފައިވަނީ ޔޫއޭއީން ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މި ތަކެތީގެ ބަރުމިނުގައި ޖުމުލަ 70 ޓަނު ހުރި ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިދިޔަ އެޕްރީލް މަހު 10 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ޔޫއޭއީ ގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން މި ފޯނު ކޯލުގައި ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތުވެސް ހިއްސާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19އާއި ގުޅިގެން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ، ރާއްޖެ ނިއު ނޯމަލްއާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ޔޫއޭއީ އިން ލިބުނު އެހީއަކީ ރާއްޖޭއިން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު އެހީއެއް ކަމަށެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަ ކުރިއެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް ދިވެހިންނަށް އެހީ ބޭނުންވާ ކޮންމެ ފަހަރަކު ޔޫއޭއީިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޔޫއޭއީން ވަނީ މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަބޫދާބީގައި ކުރިޔަށް ދިޔަ ހާއްސަ ހަފްލާއެއްގައި މި އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޝާހިދުއެވެ.