ޚަބަރު

ބޭރު ގައުމުތަކުގައި އުޅުނަސް ދީނީ ވާޖިބުތަކަށް ސަމާލުކަން ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

ބޭރު ގައުމުތަކުގައި އުޅޭއިރުވެސް ދިވެހީންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު އެކަމަށް އިލްތިމާސްކުރެއްވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަގީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ދެއްވައިގެން ނުވާނެ. ބޭރު ގައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑު އެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ބަދަހިކުރުން ކަމަށާއި އެގުޅުން ކެނޑިގެންދާ ފަދަ ކަމެއް މި ސަރުކާރުން ނުކުރާނެކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ހާއްސަކޮށް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެކި ބޭނުންތަކުގައި އިންޑިއާއަށް ދިވެހިން ދަތުރު ކުރާ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އިންޑިއާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވިސާ ލިބުމުގެ ދަތިކަން ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިދަތުރުގައި، އިންޑިއާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފް ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިގޮތުގައި މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

އަދި އިންސާނީ ވަސީލަތުގެ ގޮތުން ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ހިއްސާ ފާހަގަކުރައްވަމުން ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ، ތަރައްގީވުމުގައި، އިންޑިއާ އަދާކޮށްފައިވަނީ ޝުކުރުވެރިވުން ހައްގު ދައުރެއް ކަމަށާއި ވިޔަފާރީގެ ގޮތުން ވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ޒަމާންވީ ވަރަށް ބަދަހި ގުޅުމެއް ކަމުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކާއި އަދި ކިޔަވާ ކުދިންނާ ރައީސްގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލު އަހުވާލު އޮޅުންފިލުއްވިއެވެ.