ޚަބަރު

ހައިޑުރޮކްސި ކްލޮރޮކުއިން ބޭސް، އެހެން ބަލިތަކަށްބޭނުން ކުރާ މީހުން ބޭސް ހުއްޓައިނުލާތި!: ޑރ. މުހައްމަދު އަލީ

އައިދާ އަބްދުލް ހަކީމް

ހައިޑުރޮކްސި ކުލޮރޮކުއިން، ކޮވިޑާއި ގުޅިގެން އަންނަ ބައެއް ލިޔުން ތަކުގައި މިބޭސް ރަނގަޅު ނޫންކަމަށް ފެނުނު ކަމުގަ ވިޔަސް، އެހެން ބަލިތަކަށް ބޭނުން ކުރާ ބަލިމީހުން މިބޭސް ހުއްޓައި ނުލުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފި އެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިޑުރޮކްސި ކުލޮރޮކުއިން އަކީ ކޮވިޑް19 އަށް ބޭނުންކުރަން ފެށުމުގެކުރިންވެސް ވަރަށްގިނަ ބަލިތަކަށް ފަރުވާދިނުމަށްޓަކައި ބޭނުންކުރާ ބޭހެއް ކަމަށާއި އެހެން ކަމުން އެބޭސް އެހެން ކަމަކަށް ދީފައިވާ ނަމަ މެދުކަނޑާނުލައި އެބޭސް ކުރިޔަށް ގެންދިއުމަށް އެދޭކަމަށެވެ.

"ކޮވިޑް19އާ ގުޅިގެން އަންނަ ބައެއް ލިޔުން ތަކުގައި މިބޭސް ރަނގަޅު ނޫންކަމަށް ފެނުނު ކަމުގަ ވިޔަސް، ދެން މިބޭސް އެހެން ބަލިތަކަށް ބޭނުން ކުރާ ބަލިމީހުން ބޭސް ހުއްޓައި ނުލައްވާތި!!" ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މިބޭސް ބޭނުންކުރާ ބައެއް ބަލިކަތަށް ބަލާއިރު ރާއްޖެބައްޔަށް ފަރުވާދިނުމަށާއި، ފުއްޕާމޭގެ ބައެއްބައްޔަށް ފަރުވާދިނުމުގެ އިތުރުން ބައެއް އޮޓޯއިމިއުން ބަލިތަކަށްވެސް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އެގޮތުން ސިސްޓެމިކް ލޫޕުސް އެރިތިމަޓޯސިސް، ކިޑްނީގެ ލޫޕުސް ފަދަ ގިނަ ކަންކަމުގައި މިބޭސް ޑޮކްޓަރުން ދެއްވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ އެބަލިތަކަށް ވަރަން މުހިންމު ބޭހެއް، ހުޓާލައްވައިފި ނަމަ އެފަދަ ބަލިތައް އިތުރަށް ގޯސްވެދާނެ ކަމަށެވެ.