ޚަބަރު

ލޮކްޑައުންގެ ހާލަތު ލުއި ކުރުމުން އެމްޓީސީސީ އިތުރު 28 މަޝްރޫއެއް ފަށާނެ: އާޒިމް

މަރިޔަމް ޝަހުދާ

މިއަހަރު މާޗް މަހު ފަހުކޮޅުން ފެށިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއި ކުރުމުން އެމްޓީސީސީގެ 28 މަޝްރޫއެއް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ އާޒިމް ވަނީ ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ މި ހާލަތުގައިވެސް އެމްޓީސީސީގެ މަސައްކަތް ހުއްޓާ ނުލާ ކަމަށް ބުނެފައެވެ.

އާޒިމް ވިދާޅުވީ މިއަހަރު ކުރީ ކޮޅު އެމްޓީސީސީ އާއި ހަވާލުވީ ކުންފުނި ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމަށް އަމާޒު ހިފައިގެން ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މިއަހަރު ފުރަތަމަ ކުއާޓާވީ އެމްޓީސީސީގެ އެންމެ ކާމިޔާބު ކުއާޓާއަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މަސައްކަތްތަކަށް ބަދަލުގެނެސް، މިހާރު މަސައްކަތް ކުރަމުން ދަނީ ގެއްލުމެއްގެ ތެރެއަށް ނުވެއްޓި ކުންފުނި ހިންގުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިވަގުތު 35 ރަށެއްގައި 42 ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި ފަށަން ޖެހޭ 28 ޕްރޮޖެކްޓެއް އުޅޭ ކަމަށާއި، މި 28 ޕްރޮޖެކްޓު ފަށާނީ ލޮކްޑައުންގެ މުއްދަތަށް ލުއި ދިނުމުން ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ އީއައިއޭ ލިބޭ ވަރަކުން އެމްޓީސީސީގެ ރިސޯސްތައް އެކި ދިމަދިމާއަށް އެލޮކޭޓްކޮށް، އިތުރު ރަށްރަށުގައި މަސައްކަތް ފަށާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑެތި ދަތިތަކާއި ކުރިމަތިލާޏް ޖެހުނީ ދަތުރުފަތުރުގެ ކަންކަން ހުއްޓުމަކަށް އައުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ހުރިހާ ސައިޓުތަކަކަށް ގޮސް މަސައްކަތް ކުރިއަށްދާގޮތް އަމިއްލައަށް ބަލަން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމްޓީސީސީގެ މަސައްކަތްތައް މިއަހަރު ކުރީ ކޮޅު ރޭވީ އެގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮވިޑް 19ގެ ހާލަތު ދިމާވީ އެމްޓީސީސީގެ ހުރިހާ ޕްލޭންތަކެއް ނިންމާ، ކުރަން ނިންމި ދަތުރުތައް ފެށިތަނާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެމްޓީސީސީގެ ޓީމްތަކަށް މަސައްކަތައް ރަށްރަށަށް ދިއުމުގެ ފުރުސަތު ބަންދުވިކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދަތުރުކުރުމުގެ ފުރުސަތު ލިބުނުހާ އަވަހަކަށް މި ދަތުރުތައް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުންފުނި ކުރިއަށް ދާނީ މުވައްޒަފުންނާއި ކައިރިން މަސައްކަތްކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.