ޚަބަރު

މިޔަރުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވަން ގޮވާލައި ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، މިއަދުގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން ގަރާރު ބަަލައިގަތުމަށް ވޯޓު ދެއްވީ، އެންމެ ހަތަރު މެންބަރުންނެވެ.

ގަރާރު މަޖިލީހަށް ބަަލއިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއެވެ.

ޖާބިރު ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ޓެރިޓަރީގައި އުޅޭ މިޔަރު ތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރު ތަކަކަށްނުވިނަމަވެސް ރާއްޖޭގެ ސަރަަހައްދަށް އައިސް އުޅޭ މިޔަރު ތަކަކީ، އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، ކަނޑުގެ މަސްމަހާމެއްސަށް ނުރައްކާވެފައިވާ ތަކެތި ކަމަށެވެ.

މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށާއި، ފަތުރުވެރިންނަށް ލިބޭ އަނިޔާ ބޮޑުވެ، ފަތުރުވެރިންގެ އަތާއި، ބިލެތްދޫ މީހެއްގެފައި ކާލާފައިވާކަމަށް ވެސް ގަރާރުގައި ޖާބިރު ފާހަގަ ކުރައްވާފައި ވެއެވެ.

ގަރާރުގަިއ ބުނެފައި ވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާ ތަކާއި ގެއްލުންތަކުން އެ ދެ ސިނާއަތު ސަލާމަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެއްޓުމަށާއި، އެތަކެތީގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން 50 މޭލުން އެތެރެ ސަރަހައްދުތަކުގައި، ލޭނު މަސްވެރިކަމަށް ހުއްދަދީ، އެއްވެސް ހުރަހެއް ނެތި، ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިެވެހި ރއްޔިތުންނަށް ލިބިގެންދާނެގޮތުގެމަތިން މިޔަރާއި ކަހަނބާއި، އެންދެރި ނެގުމަކީ ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ތަކެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ގަރާރުގައި ވަނީ ގޮވާލައިފައެވެ.