އިބްރާހިމް ޒަކީ
މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ކުޑަކުރަން ހިމަނައިގެން ހުށަހަޅާފައިވާ ދިވެހި ރާއްޖޭގެ މަތީ ތައުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފިއެވެ.
ސަރުކާރުގެ ފަރާތުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހަޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލް މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށްވަނީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މީގެކުރިން ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ދޫކުރަމުން އައި ލޯނު މިސަރުކާރުން މިހާރު ވަނީ ތިން ޕަސެންޓަށް ކުޑަކޮށްފައެވެ.
މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދަރިވަރުންނަށް މާލީ އެހީ ދިނުމުގެ ސިޔާސަތު އެކަށައަޅައި، ކަމާބެހޭ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނުމަށް ބިލުގައި ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން މިގާނޫނަށް އަމަލު ކުރަން ފަށާއިރު، މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހުރި، ކެމްޕަސް ތަކާއި، އައުޓްރީޗް ސެންޓަރުތައް ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ވާނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ސަރުކާރުގެ މުއަައްސަސާތަކުން މަތީ ތައުލީމުދޭ މަރުކަޒުތައް ހިންގުމާ ބެހޭ އުސޫލުތައްވެސް ބިލުގައި ބަޔާން ކޮށްފައި ވެއެވެ. ބިލުގައިވާ ގޮތުން މި ބިލް ގާނޫނަކަށްވާ ހިސާބުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އުފެދިގެންދާނެއެވެ.
ބިލުގައި ބުނެފައިވަނީ، މި ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ނެޝަނަލް ރިސާޗް ކައުންސިލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގާއިމްކުރަން ޖެހޭނެ ކަމަށެވެ.
މިގާނޫނުގެ ދަށުން މަތީ ތައުލީމުގެ ކަންކަން ކުރިއެރުވުމަށްޓަކައި މިނިސްޓްރީން ކުރަން ޖެހޭ ކަންކަމަށް ހަރަދު ކުރުމަށް، ހަޔާ އެޑިއުކޭޝަން ޓްރަސްޓް ފަންޑެއް އޮންނަންވާނެ ކަަމަށްވެސް ބިލުގައި ބުނެފައިވެއެވެ.