ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ އެކަމަށް ނަގަން ޖެހޭ ހުއްދަ ނުނަގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނި ނަމަވެސް، ޑަބްލިޔު ކޮންސްޓްރަކްޝަނުން އެކަން ދޮގުކޮށްފިއެވެ.
މިއަދު ހެނދުނު ދުވާރު މަތީން ހިނގާފައިދިޔަ ނުވަ އަހަރުގެ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އެކުއްޖާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސައިޓުގައި މަސައްކަތް ކުރި ކުންފުނީގައި އެކަމާ ގުޅޭ ހުއްދައެއް އޮތް ކަމަށާއި އެކަމަކު އެއީ އެހެން ކަމަކަށް ނަގާފައި އޮތް ހުއްދައެއް ކަމަށެވެ.
މަސައްކަތްކުރަމުންދިޔަ ޑަބްލިޔު ކޮންސްޓްރަކްޝަނުން ފޭސްބުކް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައަކާއި ބަހައްޓަން ޖެހޭ ރައްކާތެރިކަމުގެ ބޯޑުވެސް ބަހައްޓައިގެން ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައަކާއި ބަހައްޓަން ޖެހޭ ރައްކާތެރިކަމުގެ ބޯޑުވެސް ބަހައްޓައިގެންނެވެ. އެހެންނަމަވެސް މި ހިނގާ ދިޔަ ހާދިސާއާ މެދު އަޅުގަނޑުމެން ހިތާމަ ކުރަމެވެ..،" އެ ކުންފުނިން ބުންޏެވެ.
ޑަބްލިޔު ކޮންސްޓްރަކްޝަނުން ބުނީ މިއަދު ހިނގައިދިޔަ ހިތާމެވެރި ހާދިސާގައި އަނިޔާވި ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އެ ކުންފުނިން ވަރަށް ކައިރިން ބަލައި ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެމުންދާ ކަމަށެވެ.