ޚަބަރު

ފަތުރުވެރިކަން ހުޅުވައިލުމުގެ ތައްޔާރީތައް މިރޭ ދައްކައިލަނީ، 8 މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

އައިދާ އަބްދުލް ހަކީމް

ފަތުރުވެރިކަން ހުޅުވާލުމަށް ވަމުން އަންނަ ތައްޔާރީތައް މިރޭ ދުނިޔެއަށް ދައްކާލުމަށް ބާއްވާ އިވެންޓުގައި ގުރުއަތުން ހޮވޭ 8 ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރްސީ )އިން ނިންމައިފިއެވެ.

ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލައި އަދި އަލުން ހުޅުވާލުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށްޓަކައި ބާއްވާ ލައިވް އިވެންޓެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެމް.އެމް.ޕީ.އާރްސީ މައުލޫމާތުދެއެވެ.

އެމް.އެމް.ޕީ.އާރްސީން އިސްނަގައިގެން ބާއްވާ ރީތިކަމުގެ ހަނދާންތައް ވާޗުއަލް ”Maldives: The Sun Will Shine Again“ ދުނިޔެއަށް ދައްކާލުމަށްޓަކައި ގެނެސްދޭ ފޭސްބުކް ލައިވް އިވެންޓް ނަމުގައި ކުރިއަށް ގެންދާ މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައް ވެސް ހާމަކުރާނެ ކަމަށެވެ.

މީގެ އިތުރުން މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ މިޔުޒީޝަނުންނާއި އާޓިސްޓުންނާއި މިފަދަ ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެމް.އެމް.ޕީ.އާރްސީން މައުލޫމާތު ދެއެވެ.

އެމް.އެމް.ޕީ.އާރްސީން ބުނީ ބެލުންތެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭ ގޮތަށް، އިވެންޓުގެ ތެރޭގައި ކުއިޒެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް ހޮވޭ އަށް ފަރާތަކަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިރޭ 8 އިން 12 އަށް ކުރިއަށްގެންދާ މި ލައިވް އިވެންޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ޕީއެސްއެމް އާއި މޮންދު ޕްރޮޑަކްޝަން އަދި އޯކާ މީޑިއާ ގުރޫޕް ގުޅިގެން ކަމަށް އެމް.އެމް.ޕީ.އާރްސީން މައުލޫމާތު ދެއެވެ. އެމް.އެމް.ޕީ.އާރްސީން ބުނީ https://www.facebook.com/events/586833138630960 މި ލިންކް މެދުވެރިކޮށް އެ އިވެންޓް ބަލައިލެވޭނެ ކަމަށެވެ.