ޚަބަރު

ޖިންނީން ލައްވައި މަސައްކަތްކޮށްގެން ނޫނީ ތިން އަހަރުތެރޭ 20،000 ފްލެޓް ނޭޅޭނެ: ޑރ. ޝަހީމް

އަލީ ޔާމިން

ޖިންނީން ލައްވައި މަސައްކަތް ކޮށްގެން ނޫން ގޮތަކަށް މި ސަރުކާރުގެ ބާކީ އޮތް ތިން އަހަރުތެރޭ 20،000 ފްލެޓް އެޅޭނެ ކަމަށް ނުބެލެވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނިީ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މަދުވެގެން 20،000 އާއިލާއަށް ފްލެޓް ހަމަޖައްސައިދިނުމާއި ހައުސިން ލޯނުގެ ގޮތުގައި މަދުވެގެން އެއް ބިލިއަން ރުފިޔާ ދޫކުރުމަށް ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނާފައިވީ ނަމަވެސް މިހާތަނަށް އެ ފުލެޓުތަކުގެ މަސައްކަތް ފެށިފައި ނުވުމުންނެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ބާކީ އޮތް ތިން އަހަރު މި ސަރުކާރުން 20،000 ފްލެޓް އަޅާނީ ޖިންނީން ލައްވައި މަސައްކަތް ކޮށްގެންތޯ ސުވާލު ކުރައްވާފައެވެ.

"ބާކީ އޮތީ 3 އަހަރު. އެމްޑީޕީ ސަރުކާރުން 20،000 ފްލެޓް އަޅާނީ ޖިންނީން ލައްވާ މަސައްކަތްކޮށްގެންތޯ؟ ޖިންނީން ލައްވާ މަސައްކަތްކޮށްގެން ނޫން ގޮތަކަށް ހީއެއް ނުވޭ 20،000 ފްލެޓް ތިން އަހަރުތެރޭ އެޅޭނެހެން. އަޅާފައި ހުރި 7،000 ފްލެޓް ދެ އަހަރުތެރޭ ހަވާލު ނުކުރެވުނު" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޕްރޮޖެކްޓުތަކުގެ ފްލެޓުތަކަށް މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.