ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާ ކަމަށް ފުލުހުން ހާމަކޮށްފައިވަނީ އެ އިދާރާއިން ކުރި ޓުވީޓެއްގައެވެ.
"މިއަދު ހެނދުނު ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ ވާހަކަ ދަންނަވަން،" ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
މާލޭގެ މަގެއްގެ މަތީން ހިނގާފައި ދިޔަ ކުޑަ ކުއްޖެއްގެ ބޮލަށް ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ ވެސް މިއަދު ވަނީ އާންމުވެފައެވެ.
އާންމުކޮށްފައިވާ ވީޑިއޯއިން އަންހެނަކާއެކު ހިނގާފައި ދިޔަ އެކުއްޖާގެ ބޯމައްޗަށް މަތިން ސިމެންތި ބަސްތާ ވެއްޓުމުން އެވަގުތު އެތާގަ ތިބި މީހުން އަމިއްލަ ސަލާމަތަށް ދުއްވައިގަންނަ މަންޒަރު ފެނެއެވެ. ނަމަވެސް ކުއްޖާގެ ބޯމައްޗަށް ބަސްތާ ވެއްޓުމާއެކު ކުއްޖާ ހުރިތަނަށް ވެއްޓޭ މަންޒަރު ފެންނަ އިރު ފަހަތުން އައި އަންހެން މީހާ ހުރީ ކުއްޖާގެ ފަހަތުގައެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުން އަންނަ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިންނެވެ.