ގުރުއާން ކްލާސް ހިންގާ މީހަކު 18 އަހަރު ނުފުރޭ ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު މި މައްސަލަ ހުށަހަޅާފައިވަނީ ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށަކުންނެވެ.
މި މައްސަލައިގައި ހިމެނެނީ ރަށެއްގައި ގުރުއާން ކްލާސް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަޔަކަށް ވުމުން ކުދިންގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާ އުޅޭ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއްކަމަށް ފުލުހުން ބުނެއެވެ.