ކޮވިޑް 19އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވަންސްގެ ތެރެއިން ފާއިތުވި މެއި މަހުގެ އެލަވަންސަށް އެދުމަށް ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހަށް ކަމަށެވެ.
އެގޮތުން މެއި މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ހަތެއް މެއި ކަމަށް މީގެ ކުރިން އިއުލާނު ކޮށްފައިވީ ނަމަވެސް، އެ މުއްދަތު މިހާރު ވަނީ މިމަހުގެ 15 އަށް އިތުރު ކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މި މުއްދަތު އިތުރު ކުރުމަށް ނިންމާފައި ވަނީ ގިނަ ބަޔަކަށް މި އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މެއި މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅުމަށް ބޭނުން މީހުންނަށް https://jobcenter.mv/ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ފުރޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ މީހުންނަށް އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް ފޯމު މެއިލް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.