ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެންމެ މުހިންމީ ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅުން މުހިއްމުވާއިރު މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއާއެކު ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށެވެ.
"އެ ގުޅުން ކެނޑިގެންދާ ފަދަ ކަމެއް އަޅުގަނޑުމެން ނުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ،
"ރަހުމަތްތެރި ގައުމުތަކުން އިގްތިސޯދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަން. ޚާއްސަކޮށް މިކަމުގައި އިންޑިއާގެ ހިއްސާއަކީ އަގު ކުރެވޭ ވަރަށް ވުރެ ދީލަތި އެހީތަކެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.