ޚަބަރު

ގައުމުތަކާ ހަނގުރާމަ އިއުލާނުނުކޮށް ވިޔަފާރިޔަށް އިސްކަންދީގެން ރާއްޖެ ސީފުޑްގެ ހަބަކަށް ހެދޭނެ: ސައީދު

މަރިޔަމް ޝަހުދާ

ގައުމުތަކާ ހަނގުރާމަ އިއުލާނު ނުކޮށް ވިޔަފާރިޔަށް އިސްކަން ދީފިނަމަ ދިވެހިރާއްޖެ ދުނިޔޭގެ ސީފުޑްގެ ހަބަކަށް ހެދޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

މިއަދު ސައީދު ހިއްސާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ފަތުރުވެރިކަމާ ވާދަ ކުރެވޭނެ ދެވަނަ ސިނާއަތެއް ރާއްޖޭގައި އުފެއްދޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ވާދަކުރެވޭނެ އިތުރު ސިނާއަތެއް އުފެއްދޭނީ މިނިވަން ވިޔަފާރީގެ ބޭނުން ހިފައިގެން ކަމަށެވެ. އަދި ރާއްޖެއަކީ ބިޔަ ކަނޑުގެ ގައުމެއް ކަމަށާއި، ރާއްޖޭގައި ސީފުޑް އިމްޕޯޓު ކުރުމުގެ އިތުރުން ޕެކް ކޮށް، ރީޕެކް ކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރެވޭނެކަން ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ ގައުމުތަކާ ހަނގުރާމަ އިއުލާނު ނުކޮށް ރާއްޖޭއިން ވިޔަފާރިއަށް އިސްކަންދީ، ހުރަސްތައް ނައްތާލެވިފައިވާ މިނިވަން ވިޔަފާރިއަށް އިސްކަންދީ ބޮޑެތި ކޮންސިޔުމާ މާކެޓުތައް ހުޅުވާލައިފި ނަމަ ދުނިޔޭގެ ސީފުޑް ހަބަކަށް ރާއްޖެ ހެދޭނެ ކަމަށެވެ.

މީގެ އިތުރުން ނެތް ބާރު ދައްކަން އުޅުމުން އަތުންފައިން ހެދޭނީ ގޯސް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދެ ސަރުކާރުން ނުކޯޅި ގައުމީ ތަރައްގީއަށް އިސްކަން ދެއްވުމަށް ސައީދު އިލްތިމާސް ކުރެއްވިއެވެ.