ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން މާދަމާގެ ޖަލްސާ ބޮއިކޮޓްކޮށްފިއެވެ.
ޕީޕީއެމާއި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާދަމާގެ ޖަލްސާގައި ބައިވެރިނުވާން ނިންމީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީ އަދި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.
ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރި ޖަލްސާ ފެށުމާއެކު އެ ޖަލްސާއަކީ ގާނޫނާ ހިލާފު ޖަލްސާއެއް ކަމަށް ވިދާޅުވެ ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން އޭނާގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވައިފައެވެ.
ނަމަވެސް ތިން ފަހަރު ނަން އިއްވެވުމުން ވެސް ޝިޔާމް ޖަލްސާ ދޫކުރައްވައި ވަޑައިނުގަތުމުން އެމްޑީޕީގެ މެންބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވިއެވެ.
އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވިއިރު ޝިޔާމް ވިދާޅުވި ގޮތުގައި، އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ވަނީ ރެނދުލައިފައެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން ރާއްޖޭން ބޭރަށް އިިތުރު ފަރުވާ ހޯއްދަވަން ވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.