ޚަބަރު

ސަރުކާރާ އެއްކޮޅު ބަޔަކު ވިޔަސް، ފުލުހުންނަށް ނުފޫޒު ނުފޯރުވަން އިމްރާން ގޮވާލައްވައިފި

އަލީ ޔާމިން

ސަރުކާރާ އެއްކޮޅު ބަޔަކު ވިޔަސް، ފުލުހުންގެ މަސައްކަތަށް ނުފޫޒު ނުފޯރުވަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ފުލުހުންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވަން މިނިސްޓަރު އިމްރާން ގޮވާލެއްވީ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޕީއެމްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވުމުން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ، އިމްރާން ލީޑު ކުރައްވާ އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވި ވާހަކަތަކަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާއީދުކުރައްވައިފައެވެ.

އެކަންކަމާ ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެ ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށެވެ. ހަމަ އެގޮތަށް ފުލުހުންގެ މަސައްކަތަށް ވެސް އިދިކޮޅު ފަރާތްތަކުންވިޔަސް އެއްކޮޅު ފަރާތްތަކުންވިޔަސް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރާ އެއްކޮޅު ވިޔަސް އަދި ދެކޮޅު ވިޔަސް އެއްވެސް ފަރާތަކުން ފޯރުވައިގެން ނުވާނެ ނުފޫޒެއް ނުފޯރުވުން އަޅުގަނޑުމެން ގާއިމުކުރަން މި ބޭނުންވާ ނިޒާމަކީ،" އިމްރާން ވިދާޅުވިއެވެ.

މަޖިލީހުގެ ހަމަނުޖެހުންތަކުގެ މައްސަލަ ބަލާނެ ކަމަށް އިމްރާން ވިދާޅުވުމާއެކު އެކަމާ އެމްޑީޕީގެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކޮށް، އިމްރާނަށާއި، އަދާލަތު ޕާޓީއަށް ނިސްބަތްކޮށް ޓުވީޓުތައް ކުރަމުންދާ އިރު، ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދެން ފަށާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ، ކޯލިޝަންގެ ތެރޭގައި މައްސަލައެއް ނެތް ކަމަށާއި ސަރުކާރުގައިވެސް މައްސަލައެއް ނެތް ކަމަށެވެ.