ޚަބަރު

ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވަންޖެހޭ މީހުން ނުފޮނުވި ލަސްވާ ސަބަބު ހޯދަން މަޖިލީހަށް

ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ނުފޮނުވި ލަސްވާ ސަބަބު ހޯދަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޯރިގު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކޮވިޑް 19 ބައްޔަށް ސަމާލުކަންދޭން އުޅުމުގެ ސަބަބުން ރާއްޖޭގައި މީގެ ކުރިން އަޅާލެވިގެން، ފަރުވާދެވިގެން ރަނގަޅު ކުރެވޭ ބަލިތަކާއެކު އެތައް ދިވެހިންގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ނުދެވިފައި ގިނަ އަދަދެއްގެ ދިވެހިން ވަރަށް ނާޒުކު ހާލަތުގައި އެބަ ތިބި ކަމަށާއި އަދި ފާއިތުވެގެންދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެފަދަ ބަލި މީހުން އެކަށީގެންވާ ފަރުވާ ނުލިބި ދުނިޔެ ދޫކޮށްފައިވާއިރު ރާއްޖެއިން ބޭރަށް ދަތުރު ކުރެވޭނެ ކަމުގެ މައުލޫމާތު އާއިލާތަކަށް ކަމާބެހޭ އިދާރާތަަކުން ދެމުންގެންދާތާ ވެސް ދެ މަސް ވެއްޖެ ކަމަށް ތޯރިގުގެ ސިޓީގައިވެއެވެ.

"ދިވެހި އެތައް އާއިލާއަކަށް ދިމާވެފައިވާ މި ހިތްދަތިކަން ފިލުވާލުމަށް އެދި އެ އާއިލާތައް ކެތްތެރިކަމާއެކު ތިބޭ ހިނދު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދީގެން އިންޑިއާ، ސްރީލަންކާފަދަ އަވަށްޓެރި ގައުމުތަކަށް ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ކުރިއަށްނުދާ ސަބަބުތައް ބަލާ ތަހުގީގުކޮށް، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެކަން ފާހަގަކޮށް އެފަރާތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބަލާ އެފިޔަވަޅުތައް އަޅައިދިނުމަށް އެދި ހުށަހަޅަމެވެ،" ތޯރިގު ވިދާޅުވެފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ތެރެއިން އެންމެ ހާލު ބޮޑު 33 މީހަކު ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމީހުން ރާއްޖެއިން ބޭރަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން ސްރީލަންކާ އާއި އިންޑިއާއާ ވާހަކަދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.