ޚަބަރު

މާބަނޑު މީހުންގެ ސްކޭން ހެދުމުގެ އިންތިޒާމު ރަށްރަށުގައި ހަމަޖައްސަނީ

އަލީ ޔާމިން

މާބަނޑު މީހުންގެ ސްކޭން ހެދުމުގެ އިންތިޒާމު ރަށްރަށުގައި ހަމަޖައްސަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހްމަދު ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މާބަނޑު މީހުންނަށް ކަމަށާއި އެހެންކަމުން އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މާބަނޑު މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ސްކޭން ހެދުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޔާޒް ވިދާޅުވިއެވެ. އެގޮތުން 20 އަދި 24 ހަފުތާގައި ހަދަން ޖެހޭ ސްކޭން ރަށްރަށުން ހެދޭނެ އިންތިޒާމު މި ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ރަށްރަށަށް ގޮސް ސްކޭން ކުރުމުގެ ހިދުމަތް މި ހަފުތާގެ ތެރޭގައި ފެށިގެންދާނެ،" ނަޔާޒް ވިދާޅުވިއެވެ.

ނަޔާޒް ވިދާޅުވީ، ސްކޭން ކުރަން ޖެހޭ މީހުންގެ ސްކޭންތައް ކުރަން ހަމަޖެހިފައިވަނީ، އެރަށެއް ހިމެނޭ ސަރަހައްދުގެ ކޮންމެވެސް އެއްރަށަކަށް ގެންގޮސް އެރަށްތަކުގެ މާބަނޑު މީހުން އެއްކޮށް ކަމަށެވެ.

"ސްކޭން ކުރަން ރޭޑިއޮލޮޖިސްޓުން މި ފޮނުވަނީ. ކޮން ރަށްރަށެއްގައިތޯ ސްކޭން ކުރަން މީހުން ތިބީ މި ބަލަނީ. ބަލާފައި އެމީހުން އެއް ރަށަކަށް ގެނެސް ސްކޭން މިކުރަނީ،" ނަޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގައި މާބަނޑު މީހުން ބެލުމަށް އެރަށްރަށަށް ގައިނޮކޮލޮޖިސްޓުން ޒިޔާރަތްކޮށްގެން ބަލި މީހުން ބަލުމުގެ "އައުޓްރީޗް" ޕްރޮގްރާމު މި ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މާބަނޑު މީހުންގެ ސްކޭން ހެދުމުގައި ދަތިތަކެއް ކުރިމަތިވުމުން ބައެއް ހިތާމަވެރި ހާދިސާތައް ވަނީ ހިނގައިފައެވެ.