ޚަބަރު

ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގުތިސާދީ ހަރަކާތްތަކަށް ގައުމު ހުޅުވާލުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގުތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަކަށް ގައުމު ހުޅުވާލުމަށް ހުށަހަޅާ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވި މި ގަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ފުރަތަމަ ކިޔުން އިއްވުމަށެވެ.

ރާއްޖޭގެ އިގުތިސާދުގެ 85 ޕަސެންޓް ބިނާވެފައިވަނީ ޓުއަރިޒަމަށް ކަމަށާއި ކޮވިޑާ ގުޅިގެން އެދާއިރާ މުޅިން ހުއްޓިފައިވާތީ ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓު ހުރި އެހެން ސަރަހައްދުތަކަށް ޕްރައިވެޓް ޖެޓް ފަހަރު ޖެއްސޭގޮތަށް ޓުއަރިޒަމަށް ސޭފް ޒޯންތަކެއް ކަނޑައަޅައި ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ގަރާރުގައި ބުނެފައިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި، ހުވަދޫ ސޭފް ޓުއަރިޒަމްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ހުރިހާ ކަމަކަށް ބިނާކޮށް ރާއްޖޭގެ ތިން ސަރަހައްދެއް އިގުތިސާދަށް ހުޅުވާލަން ވެސް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.