ޚަބަރު

ގާާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަދަންޖެހޭ ގަވާއިދު އެޗްއާރުސީއެމުން ހަދާފައިނުވާތީ އެ ގަވާއިދު ހަދަން އަންގައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ބަޔާންކުރާ ގަވާއިދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެކުލަވާލާފައިނުވާތީ، އެ ގަވާއިދު އެކުލަވާލަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ ކޮމިޝަނަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ބަޔާންކުރާ ގަވާއިދު އެޗްއާރުސީއެމުން އެކުލަވާލާފައި ނުވާތީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން އެ ގަވާއިދު 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރުމަށް އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެޗްއާރްސީއެމްއަކީ ވެސް ތަހުގީގު އިދާރާއަކަށްވާއިރު އެ އިދާރާއަށް ވެސް ތަހުގީގު ހިންގުމަށްފަހު ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުގެ ބާރު އޮވެއެވެ.

ނަމަވެސް ހަދަންޖެހޭ ގަވާއިދެއް ނަހަދައިގެން އެ ގަވާއިދު ހެދުމަށް އެޗްއާރުސީއެމްއަށް ޕީޖީ އެންގެވިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަދަންވާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށަން ފުރަތަމަ ކަނޑައެޅީ މެއި 2، 2016 ގައެވެ. ނަމަވެސް އެ މުއްދަތު ފަސްކޮށް އެ ގާނޫނަށް އަމަލުކުރަން ފެށީ ޖުލައި 2، 2017 ގައެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޗްއާރުސީއެމުން އެ ގަވާއިދު ހަދަން ލާޒިމުވާނެއެވެ.