އަލީ ޔާމިން
ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި އެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ތަމްރީން ކުރުމާއި ބިނާކުރުމަށް އިންސާނީ ވަސީލަތްތައް އިތުރު ކުރުމާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮވިޑް 19އިން ރައްކާތެރިވުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތުގައި ހަރަކާތްތެރިވާ 40،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ސީދާ ގޮތުން އަސަރުކޮށްފައެވެ. އޭގެ ތެރޭގައި 22،000 އަށްވުރެ ގިނަ ދިވެހި މުވައްޒަފުންވެސް ހިމެނެއެވެ.
ކޮވިޑުގެ ސަބަބުން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނިއު ނޯމަލްގައި ފަތުރުވެރިކަން ހުޅުވާލުމަށް ގައިޑްލައިނެއް އެކުލަވާލައި، އެގައިޑްލައިންގެ ފައިނަލް ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.