ޚަބަރު

ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ބަލިމީހާ ގެންގޮސްފި

އަލީ ޔާމިން

ކޮވިޑާ ގުޅިގެން ފަރުވާދޭން ޖެހޭ މީހުން ބައިތިއްބަން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ބަލިމީހާ ގެންގޮސްފިއެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހަކު މިއަދު ހަވީރު 5:35 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ފެސިލިޓީއަށް ބަލިމީހުން ގެންގޮސް، ފެސިލިޓީގެ ހިދުމަތް ދޭން ފަށާފައިވާ އިރު، އެތަނުގައި ސިއްހީ އާލާތްތައް އިންސްޓޯލްކޮށް ފެސިލިޓީ އެއްކޮށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ އެތަނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއުޕްމެންޓް (ޕީޕީއީ) ވެސް ސަޕްލައިކޮށް ނިންމައިފައެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުރިމައްޗަށްވާ ގޮތަށް ތަރައްގީކުރި ފެސިލިޓީގައި ކޮވިޑު ޖެހިގެން އެންމެ ހާލު ދެރަވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާނެ އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމުކޮށްފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރަތަމަ ތަރައްގީކުރަމުން ދިޔަ އިރު، އެތަނުގެ ޖާގައަކީ 300 މީހުންނެވެ. ނަމަވެސް އެތަނުގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފެށިއިރު އެތަނުގައި ހުރީ 290 އެނދެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ކޮވިޑަށް ފަރުވާދިނުމަށް ހާއްސަ ސެންޓަރުތަކެއް ތަރައްގީކުރަމުންނެވެ.