ޚަބަރު

ހުޅުމާލެ ފުލެޓުތައް ހަދާފައިވަނީ ކޮތަރު ކޮށިތަކެއް ގޮތަށް: ނަޝީދު

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފުލެޓުތަކަކީ ކުދި ކޮތަރު ކޮށިތަކެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ލޯނު އެހީގައި، އެ ގައުމުގެ ސީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފައެވެ. އެތަން ހެދުމަށް ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ.

އެ ފުލެޓުތަކުގެ ފޮޓޯއަކާއެކު ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފުލެޓުތައް އަޅާފައިވަނީ 500 އަކަފޫޓު ކުދި ކޮތަރަ ކޮށިތަކެއް ގޮތަށް ކަމަށެވެ.

"އޭގެން ތަނެއް ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަ ފޫޓަކަށް 1900 ރުފިޔާ. މިހެންކަމުން ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭ. ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ. މިއީ ދަރަނީގެ ދަންތުރައެއްގެ ފޮޓޯ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން ހަދާފައިވާ ގިނަ ފުލެޓްތައް ތަނަވަސްވެ، އަގު އެކަށީގެންވެ، ބޮޑު ދަރަންޏެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މި ހިޔާ ފުލެޓްގެ ދަރަނިވެސް ސަރުކާރުން ދައްކާނެ ކަމަށާއި އަދި އިތުރު ތަނަވެސް ފުލެޓްތައް އަޅާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ހިޔާ ފުލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެންނުވާ ފެންވަރަށް ހަދާފައިވާ ތަނެއް ކަމަށާއި އެތަނުގެ ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭ އަދަދު 11،000 ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ އަދަދު 6000 ރުފިޔާއަށް ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ފުލެޓުތަކުގެ ޖާގަ ތަނަވަސްކޮށް ބަދަލުތައް ގެނައުމުން ދެ ކޮޓަރީގެ ފުލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފުލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ސަރުކާރުން ކުރި ދިރާސާއަކުން ދައްކާ ކަމަށެވެ.

އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ސެޕްޓެމްބަރު މަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން އެ ފުލެޓުތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވަނީ ވިދާޅުވެފައެވެ.