އަލީ ޔާމިން
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.
މި ހަރަކާތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތޫރުގެ އިތުރުން ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މިކަމަށް ވަކި ދުވަހެއް ކަނޑައަޅައި މި ދުވަސް ދުނިޔޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އދ.ގެ ޖެނެރަލް އެސެމްބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމައިފައެވެ.
މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިގްތިސާދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަގައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރެއެވެ. މީގެތެރެއިން އަހަރަކު ގާތްގަޑަކަށް 420،000 މީހުން މަރުވެއެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ސިއްހަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިގްތިސާދަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ސުރުހީއެވެ. މިގޮތުން ދަނޑުން ފެށިގެން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.