ޚަބަރު

މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ޖަޕާނުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ އެހީއެއް

އައިދާ އަބްދުލް ހަކީމް

ޖަޕާނުން ރާއްޖެއަށް 600 މިލިއަން ޖަޕަނީޒް ޔެން (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރު، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާން ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ކޮވިޑް 19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެ ކަމަށެވެ. އަދި ކޮވިޑާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް މި ދިން ދީލަތި އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުގެ ސަރުކާރަށް ޝުކުރު އަދާކުރާއްވައިފައެވެ.

ނިމިދިޔަ މަހުވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި ހަމައެއާއެކު ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.