ޚަބަރު

ސްޓެލްކޯގެ ސިޓީ ލީކުވި މައްސަލައިގައި މަޖިލީހާ ސުވާލު ކުރެވިގެން ނުވާނެކަމަށް ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވި ގޮތް ހޯދައިދިނުމަށް އެކުންފުނިން އެދުމުން ސްޓެލްކޯއަށް ރައްޔިތުންގެ މަޖިލީހާ އެފަދަ ސުވާލެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އެކަމަށް އެދި މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައިދިނުމަށް ސްޓެލްކޯގެ ސިޓީގައި ވަނީ އެދިފައެވެ.

މި ސިޓީއާ ބެހޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ކޮމިޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަންވީ ގޮތުގެ އުސޫލުތައް ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެއްވެސް އިދާރާއަކުން ނުވަތަ ކުންފުންޏަކުން މަޖިިލީހަށް އަންގައިގެންވާނެ ކަަމަށް ކޮމިޓީން ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުުރުން މަޖިލީހުން ކުރަންޖެހޭ ކަންތައްތަކާއި ބަލަންޖެހޭ މައްސަލަތައް މަޖިލީހުގެ ގަވައިދާ އެެއްގޮތްވާގޮތުގެ މަތިން ކޮމިޓީތަކުން ނިންމައި މަޖިލީހުގެ އިދާރާއިން ބަލަމުންގެންދާނެ ކަމަށާއި އެކަމަށް އެހެން އެއްވެސް ފަރާތަކުން ބަސް ބުނެގެންނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ސޯޝަލް މީޑިއާ ގައި އާންމުވި ސްޓެލްކޯގެ ސިޓީގައި ބުނެފައިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ ކަމަށެވެ.