ޚަބަރު

ގުޅިފަޅުން ބޮޑެތި ފައިދާތަކެއް ލިބޭނެ، އެކަމަކު ފަރުތައް ހަލާކުރަން ދޫކޮށެއް ނުލެވޭނެ: ރައީސް ނަޝީދު

މަރިޔަމް ޝަހުދާ

ކ. ގުޅިފަޅު ޕްރޮޖެކްޓުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށާއި އެކަމަކު ފަރުތައް ހަލާކުރަން ދޫކޮށެއް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ފަރުތަކަށް ލިބޭނެ ގެއްލުން ތަކާއި އެކަމާއި ގުޅިގެން އަމަލު ކުރާނެ ގޮތުގެ ލަފާތަކެއް ރައްޔިތުންގެ މަޖިލީހާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ގުޅިގެން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހާއި އީޕީއޭއިން ފާހަގަ ކުރާ މިކަންކަން ސަރުކާރުން ބަލައިގަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓުވީޓުކުރެއްވި އިރު، އީޕީއޭގެ ޑިރެކްޓާ ޖެނެރަލާ ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯ އަކާއެކު އިތުރު ޓުވީޓެއް ވެސް މިއަދު ކުރެއްވި އެވެ. އެ ޓުވީޓުގައި އެމަނިކުފާނު ވަނީ ގުޅީފަޅު ޕްރޮޖެކްޓުގެ މުހިންމުކަން ފާހަގަކުރައްވައި އެއީ މުހިންމު ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފަ އެވެ.

ގުޅިފަޅު ހިއްކުމުގެ ސަބަބުން ވިލިމާލޭ ފަރަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާކަމަށް މީގެ ކުރިން އީޕީއޭ އިން ވަނީ ބުނެފައެވެ. ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ.