ސްރީލަންކާގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކަން އެއާލައިންސުން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި މީހުންނާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެ އަށް އަނބުރާ ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުން އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުން ކަމަށެވެ. ނަމަވެސް ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު މީހުންނަށްވެސް ޖާގަ ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފްލައިޓްގެ ސީޓިން ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ މީހުންނަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ އިތުރުން އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތުގައި ކޮވިޑް 19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.