ކ. ގުޅިފަޅުގައި ގާއިމުކުރާ ޕޯޓް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލައިގައި ގުޅިފަޅު މަޝްރޫއަށް ތާއީދުކުރައްވައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި ނަމަވެސް މާލޭގައި އެހެން ގޮތެއް ނެތް ގިނަ ރައްޔިތުން ތިބި ކަމަށާއި، އެހެންކަމުން ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ކަމަށެވެ. އެގޮތުން މިސަރަހައްދު ތޮއްޖެއްސުން ހުއްޓުވުންވެސް މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައިވަނީ އެންވައަރަމަންޓް ޕްރޮޓ3ކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނަރަލް(ޑީޖީ) އަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަަށެވެ.
"ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރޭ. މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުމީ މާލޭގަ ދިރިއުޅުއްވާ އެހެން ގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް. އަދި މިސަރަހައްދު ތޮއްޖެއްސުން ހުއްޓުވުންވެސް މުހިންމު އީޕީއޭގެ ޑީޖީ އަކީ ތަޖުރިބާކާރު ބޭފުޅެއް." އީޕީގެ ޑީޖީއާ ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯއާ އެކު ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ ސަބަބުން ވިލިމާލޭ ފަރަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ. ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ.