ޚަބަރު

އެމްޑީޕީ ވަރުގަދަވެ އޮތުން އެދެން، އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތްކުރާކަށް މިވަގުތު ނެތިން: ނަޝީދު

އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ވަރުގަދަވެ އޮތުން އެދޭ ކަމަށާއި އެ ޕާޓީއާއި ޑިމޮކްރެޓްސްގައި އަމަލީ މަސައްކަތް މި ވަގުތު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީއާއި ޑިމޮކްރެޓްސްއާ ގުޅޭ ގޮތުން ވާހަކަދެއްކެވީ، މީގެ ކުރިން އެމްޑީޕީގައި އިސް މަގާމުތަކުގައި ތިއްބެވުމަށްފަހު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ވަކިވެވަޑައިގަތް މެންބަރުންތަކެއް އަލުން އެ ޕާޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޠީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ ޕޮލިސީ ކޮމިޓީގެ ކުރީގެ މުގައްރިރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރެވެ.

"2008 ގެ އިންތިހާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުރުވެ، ދިޔަ މިންވަރުން އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދައިދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އެ މަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އަބަދުވެސް އެދެނީ އެ ޕާޓީ ވަރުގަދަވެ އޮތުން ކަމުގައި ވިދާޅުވިއެވެ.

"އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެެޓްސްއަކީ ހާއްސަގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް. މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރުމަށް މިވަގުތު އަޅުގަނޑު ނެތިން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަމަލީ މަސައްކަތުގައި ނޫޅުއްވި ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.