ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިހާތަނަށް ނެގި އެންމެ ބޮޑު ސިސްޓުގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށްފިއެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެެއްވަމުން ކުޅުދުއްފުށި ރީޖަނަލް ޖޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ މި އޮޕަރޭޝަން ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. މި އޮޕަރޭޝަނަކީ ދެ ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް ދާއޫދު ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު އޯވެރިއަން ސިސްޓެއް ނެގުމުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވިފައިވަނީ އެ ހޮސްޕިޓަލުގައި ގައިނޮކޮލޮޖީ ޓީމާއި އޯޓީ ޓީމުގެ މަސައްކަތުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންނާއި ސަރުކާރުގެ އެހީއާއެކު ކުރިއެރުމަށް ކަމަށް ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހު ކުރި މި އޮޕަރޭޝަނަކީ މިފަދަ ފުރަތަމަ އޮޕަރޭޝަން ނޫން ކަމަށް ދާއޫދު ފާހަގަ ކުރެއްވިއެވެ. ދާއޫދު ވިދާޅުވީ މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުން ކޮށްފައިވާ ކަމަށެވެ. ނަަމަވެސް މި އޮޕަރޭޝަނަކީ މިހާ ބޮޑު ސިސްޓެއް ނެގުމަށް އެ ހޮސްޕިޓަލުގައި ކުރި ފުރަތަމަ އޮޕަރޭޝަން ކަމަށް ދާއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ކުރި މިފަދަ އޮޕަރޭޝަންތަކުން މިއީ ސިސްޓު ފަޅައިގެން ނުގޮސް ނެގުނު ފުރަތަމަ ފަހަރުކަމަށް ދާއޫދު ފާހަގަ ކުރެއްވިއެވެ. ދާއޫދު ވިދާޅުވީ މި އޮޕަރޭޝަނުގައި ދެ ސިސްޓު ނެގި ކަމަށެވެ. އެއީ 11-10 ސެންޓިމީޓަރުގެ ސިސްޓަކާއި 2-2 ސެންޓިމީޓަރުގެ ސިސްޓެއް ކަމަށެވެ.
ދާއޫދު ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަކީ މިހާރުވެސް މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ވަރުގެ ކެޕޭސިޓީ ހުރި ޑޮކްޓަރުން ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ ރަނގަޅު އިކުއިޕްމަންޓު ލިބިއްޖެނަމަ ހޮސްޕިޓަލުގައި އޮޕްރޭޝަން ކުރެވޭނެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ. އެ ހޮސްޕިޓަލުގައި މިފަދަ އޮޕްރޭޝަން ކުރެވުނު ނަމަވެސް ގިނަ ޕޭޝަންޓުން ބޭނުންވަނީ މާލެއަށް ދާން ކަމަށް ދާއޫދު ފާހަގަ ކުރެއްވިއެވެ. އަދި ބުރާސްފަތު ދުވަހު ކުރި އޮޕަރޭޝަނަކީ ކޮވިޑް 19ގެ ސަބަބުން މިދުވަސްވަރު ދަތުރު ފަތުރުގެ ކަންކަމުގައި ހުރި ދަތިތަކާއި ގުޅިގެން އެ ހޮސްޕިޓަލުގައި ކުރަން ނިންމި އޮޕަރޭޝަނެއް ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.