ފ. ދަރަނބޫދޫ ބަނދަރު ފެންވަރުމަތިކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަޝްރޫއު ފަށާފައިވަނީ އިއްޔެ ކަމަށެވެ.
މި މަސައްކަތް އިއްޔެ ފަށާފައިވަނީ 27 މެއި ގައި މި ޕްރޮޖެކްޓު މޮބަލައިޒް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 38.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން ދަރަނބޫދޫ ބަނދަރު މިހާރަށްވުރެ ބޮޑު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މަސައްކަތް ނިމުމުން ކުރިއަށްވުރެ ގިނަ ދޯނި ފަހަރަށް އެއްފަހަރާ ދަރަނބޫދޫ ފަޅުތެރެއަށް ވަދެވޭނެ ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނިމުމުން މިހާރަށްވުރެ ފަސޭހަ ކަމާއެކު ރަށަށް އަރައި ފޭބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.