ގދ. ގައްދޫގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ، ސައުތު އެކްސްޕްރެސްގެ އިންޖީނު ހުއްޓި ފަރަށް ލައްވުމާއި ގުޅިގެން އެ ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް އެހިސާބުގަނޑުގެ މަސްވެރީން ފަށައިފި އެވެ.
ދިވެހި މަސްވެރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ، ހުވަދު އަތޮޅަށް މިއަދު ވަރަށް ވިއްސާރަ ކަމަށާއި ވައިވެސް ބާރު ކަމަށެވެ. އެކްސްޕްރެސް ބޯޓުގެ އިންޖީނު ހުއްޓި އެ ބޯޓު ލައްވެފައި ވަނީ އެ އަތޮޅު ދާންދޫ ކައިރީގައި އޮންނަ "ވޮޑަމުލަ" ކަނޑާ ދިމާ ފަރަށެވެ.
މަސްދޯނި ފަހަރު އެ ސަރަހައްދަށް ގޮސް ކަފު ޖެހުނު އިރު، ބޯޓުގެ ފަހަތްކޮޅު ވަނީ ފަރުމައްޗަށް އަރާފައި ކަމަށާއި އެ ބޯޓުގެ ބަނޑުފިލައިން ފަސް ފޫޓުހާ ތަނެއް ހަލާކުވެ ދިޔަވާތީ އެކަން ހައްލުކުރުމަށް ދޯނި ފަހަރުން ދިޔަ ޑައިވަރުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ދިވެހި މަސްވެރީން ބުނެ އެވެ. ދިޔަ ހިއްކުމަށް ޓަކައި އިތުރު ޕަންޕުތައްވެސް ދޯނިފަހަރުން ވަނީ ބޯޓަށް އަރުވައިފަ އެވެ.
ފަރުގައި ޖެހުމުގެ ސަބަބުން ބޯޓުގެ ތިން ތަނަކަށާއި މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށާއި އެހެން ނަމަވެސް އެ ގެއްލުމުގެ ތަފްސީލު އަދި ނޭނގޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ބޯޓު ސަލާމަތްކޮށްދިން ދޯނިން ބުނީ ބޯޓު ފުންކޮށްގެން އެތާ ކައިރީ އޮންނަ ފަރެއްގެ ނިވަލަށް ގެންގޮސް ބައެއް ބަރާމާތުކޮށްގެން، އެ އަތޮޅު ގެމަނަފުއްޓާ ދިމާއަށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ގަޑިއެއްހާއިރު ތެރޭ އެރަށަށް ވަދެވޭނެ ކަމަށެވެ.
މި ބޯޓު ސަލާމަތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ ދ. ބަނޑިދޫ ޑެއިޒީ ދޯނިންނެވެ. ދޯނި އިންޖީނު ހުއްޓި ފަރާ ދިމާއަށް ދާން ފެށީ ފަތހު 04:00 އެހާއިރު އެވެ. ކޯސްޓްގާޑަށް އެންގި ނަމަވެސް، ކަފު ޖެހޭނެ އުޅަނދެއް ނެތުމުން އެ ސަރަހައްދަށް ކޯސްޓްގާޑް ގޮސްފައެއް ނުވެ އެވެ.
ދޯނީ މީހުންނަށް މިކަން އެނގުނީ ފަތިހު 05:15 އެހާއިރު އެވެ.
"ބޯޓު އެއަންނަނީ މާލޭން، އޭގެން މި ދޯނީގެ ބައެއް ތަކެތި ގެންނާތީ ބޯޓު އޮތް ލޮކޭޝަން ބަލައިލަން އަހަރެމެން އޮންލައިންކޮށް ޗެކު ކޮށްލީ ބޯޓު އޮތް ހިސާބެއް، ބެލީމަ ފާހަގަވީ ބޯޓު ލައްވަމުން ދާކަން، ޔަގީންކުރަން ވެގެން ދެވަނަ ފަހަރަށް ވެސް ލޯޑުކޮށްފަ ބަލައިލީ. އެހާ ހިސާބުން ބޯޓަށް ގުޅީ. ގުޅީމަ އެމީހުން ބުނީ ސަލާމަތް ވާކަށް ނެތޭ ބޯޓު ފަރަށް ލައްގަނީއޭ. އަހަރެމެން ފުލުކޮށް ދަތުރުކުރީ، ކިރިޔާ ލަސްވި ނަމަވެސް އެ ބޯޓު އެއްކޮށް ފުނޑުފުނޑު ވާނެ." ޑެއިޒީ ދޯނިން ވާހަކަދެއްކި ޝާފިއު "ވަން" އަށް ކިޔައިދިނެވެ.
ފަތިހު 04:00 ޖެހި ފަހުން ބޯޓުންނާއި ދިވެހި މަސްވެރީންގެ ކޮށްފައިވާ ޓުވީޓުތަކުގައި ވެސް އެމްއެންޑީއެފް ޓެގްކޮށްފައި ވެއެވެ. ބޯޓު ސަލާމަތްކޮށްދިން ޑެއިޒީ ދޯނިން ބުނީ، ކޯސްޓްގާޑުން ހެނދުނު ބުނިގޮތުގައި އެމީހުން އެ ސަރަހައްދަށް ފަހުން ނުދިޔައީ ދޯނިން އެހީތެރިކަން ލިބުނު ކަމަށް ބޯޓުން ބުނުމާއި ގުޅިގެން ކަމަށެވެ.
އެހެން ނަމަވެސް ބޯޓު ފަރަށް ލައްވާކަން ދޯންޏަށް އެނގުނީ ބޯޓުގެ އިންޖީނު ހުއްޓި ފަރަށް ލައްވާން 15 މިނެޓެއްހާ ދުރުމިނަށް ކައިރިވެފައި ވަނިކޮށްކަން "ވަން" އަށް ވަނީ އެނގިފަ އެވެ.
"އެ ސަރަހައްދުގައި އެ ގަޑީ 12 ވަރަކަށް ފޫޓު އުސްމިނުގެ ރާޅު ހުރި. އަހަރެމެން ގޮސް ފުރަތަމަ ޖެހި ވާވެސް ދިޔައީ ކަނޑައިގެން. އޭރު ބޯޓު ދެ ފަހަރަކު ގަލުގައި ޖަހައިފި. ދެވަނަ ފަހަރަށް ވާ ޖެހުނު އިރު ދޯނިވެސް ފަރާ 40 ވަރަކަށް ފޫޓާ ކައިރިވެއްޖެ. އެކަމަކު ނަސީބަކުން ދެވަނަ ފަހަރަށް ޖަހައި ހިފާލި ވަގުތު ފުން ވެގެން އަތުވެއްޖެ." ޑެއިޒީ ދޯނީން "ވަން" އަށް މައުލޫމާތު ދިނެވެ.