ކޮވިޑް 19އަށް ޕޮޒިޓިވް މީހުންގެ އަލާމާތްތައް ރަނގަޅުވުމުން ޓެސްޓު ނަހަދައި ދޫކޮށްލާ ގޮތަށް ހަމަޖައްސައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ގެ ލަފާތައް ބެލުމަށްފަހު ރާއްޖޭގައި އަމަލުކުރަމުންދިޔަ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް އޭނާގެ އަލާމާތްތައް ފެނުމަށްފަހު މަދުވެގެން 14 ދުވަސް ހަމަކުރަންވާނެއޭ. އަދި އޭނާގެ އެއްކޮށް އަލާމާތްތައް ރަނގަޅުވުމަށްފަހު މަދުވެގެން ތިން ދުވަސްވުމުން ޓެސްޓު ނަހަދައި ދޫކޮށްލެވޭނެއޭ. މިގޮތަށް ދޫކޮށްލެވޭނީ ވެސް އާދައިގެ ރޯގާއެއްގައި އެހެން ހުންނަ މީހަކަށް،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން މަދުވެގެން 21 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށާއި 21 ދުވަސް ހަމަވުމަށްފަހު ބަލިން މުޅިން ރަނގަޅުވުން ހޮސްޕިޓަލުން ދޫކޮށްލާނީ ތިން ދުވަސްވުމުން ކަމަށެވެ.
"އެހެންވީމާ މީގެ ފަހުން ދޫކުރާ އިރު، ޕީސީއާރު ޓެސްޓެއް ނަހަދާނެ. އެކަމަކު ވެސް އަޅުގަނޑުމެން ދިފާއީ ނިޒާމު ބަލިކަށި، މިސާލަކަށް ބާރުގަދަ ބޭސް ބޭނުންކުރާ ބޭފުޅުން، އެހެންވީމާ މިކަހަލަ ކޭސްތައް ބަލާފައި ދިފާއީ ނިޒާމު ދަށް ބޭފުޅުން ނަމަ ޕީސީއާރު ޓެސްޓު އަދިވެސް ހަދަން ބުނާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވަރަށް ގިނަ ދުވަހަށްފަހު ޕީސީއާރު ޓެސްޓު ހެދުމުން ވެސް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށާއި އާދައިގެ ރޯގާ ޖެހިފައި ރަނގަޅުވާ މީހުން ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސް ތެރޭގައި އެއްކޮށްހެން ރަނގަޅުވާނެ ކަމަށް ފަހުގެ ދިރާސާތަކުން ދައްކާ ކަމަށެވެ.
ކުރިން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުން ދޫކޮށްލަމުންދިޔައީ އެމީހެއްގެ ދެ ޓެސްޓު ނެގަޓިވްވުމުންނެވެ.