އަމިއްލަ ހަރަދުގައި ކ. ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރަން އެ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.
ކާށިދޫގައި އެއާޕޯޓެއް އެޅުމަކީ ޖާބިރުގެ މަޖިލިސް ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އެގޮތުން އެ އެއާޕޯޓެއް އެޅުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމަނައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖާބިރު ސިޓީއެއް ފޮނުއްވިއިރު، އެއާޕޯޓް އެޅޭނެ ގޮތް ހައްދަވައިދެއްވުމަށް އެދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ވަނީ ދަންނަވައިފައެވެ.
ކާށިދޫ ރައްޔިތުންނަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެރަށުގައި އެއާޕޯޓެއް އެޅުމަކީ އޭނާގެ ކެމްޕެއިންގެ ވަރަށް މުހިންމު ވައުދެއް އަދި އެރަށު ރައްޔިތުންގެ ހުވަފެނެއް ކަމަށެވެ.
އެކަމުގެ މަޝްވަރާތައް މިހާރު ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާއަކާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު އަސްލަމްއާ މަޝްވަރާކުރެވި، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ސިޓީގައިވެއެވެ.
އޭގެ އިތުރުން ރައީސް ސޯލިހު ވެސް އެކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާތީ، އެކަމަށްޓަކައި ޖާބިރުގެ ސިޓީގައި ވަނީ ޝުކުރު ދަންނަވައިފައެވެ.
"ވީމާ، އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ކާށިދޫގައި (ޖާބިރު އެއާޕޯޓް)ގެ ނަމުގައި ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓެއް ތަރައްގީކޮށް، އެތަން ހިންގުމަށް ވަނީ ނިންމައިފައެވެ. މިޕްރޮޖެކްޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މިދާއިރާގެ އެންމެ ތަޖުރިބާކާރު އެއްބޭފުޅެއް ކަމުގައިވާ އަހުމަދު މަހުރީން ވަނީ ހަމަޖައްސައިފައެވެ." ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއާޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން އޭނާއާ ހަވާލުކޮށް ރުއްގަހުގެ ބަދަލުދިނުމުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލްގައި ދަންނަވާފައިވާނެ ކަމަށާއި އެކަމުގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަސް ތެރޭގައި ޖާބިރު ވަނީ، އެއާޕޯޓް އެޅުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކާށިދޫގައި އެއާޕޯޓް އަޅަން ޖެހެނީ އެރަށުގެ ކުޅި ހިއްކައިގެން ކަމަށްވާތީ އެކަމަށް ހަ މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އަމިއްލަ ހަރަދުގައި ކާށިދޫގައި އެއާޕޯޓެއް ތަރައްގީކުރައްވަން ޖާބިރު ނިންމެވިއިރު އެކަމުގެ ޕްރޮޕޯސަލް ވެސް އޭނާ ވަނީ ތައްޔާރުކުރައްވައިފައެވެ. ޕްރޮޕޯސަލްގައި ބުނެފައިވާ ގޮތުން، އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1320 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުންނާނެއެވެ. އަދި 60 މީޓަރުގެ ޓެކްސީވޭއަކާއި 45 މީޓަރުގެ އޭޕްރަން އެއް ގާއިމުކުރާނެއެވެ.