އެމްއެންޑީއެފްގެ ވެހިކަލްތައް ހުއްޓުވައި، ފުލުހުން ޗެކްކުރަނީ ކޮން އުސޫލަކުންތޯ އޮޅުން ފިލުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް، އެ މިނިސްޓްރީގެ އިސް ފަރާތްތައް ހާޒިރުކޮށްގެން ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެމްއެންޑީއެފް ވެހިކަލްތައް ހުއްޓުވައި، ފުލުހުން ޗެކްކުރާ މައްސަަލައާ ބެހޭގޮތުން އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ކުރެއްވި ސުވާލަށް ޖަވާބުދެއްްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެކަމުގެ ޝަކުވާ އެކަމާ ބެހޭ ފަރާތުން ހުށަހަޅައިފި ނަމަ، ބައްލަވާނެ ކަމަށެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން އިތުރު މެންބަރުން އެކަމާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ.
އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ އެމްއެންޑީއެފްގެ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުތަކާ ބެހޭ ގާނޫނުގެ ދަށުން ވެސް އިސްތިސްނާ ކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ. ނަމަވެސް އެ އުޅަނދުތައް ފުލުހުން ހުއްޓުވައި، ޗެކް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވެސް ވިދާޅުވީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ފުލުހުން ކުރަންޖެހޭ މަސައްކަތެއް، ފުލުހުން އަމިއްލައަށް ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެކަން ކޮމިޓީއާ ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ މެންބަރުން ތަކުރާރުކޮށް ސުވާލުކުރެއްވުމާ ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވީ، ކޮމިޓީ މެމްބަރުން އެކަން ސާފުކުރަން ބޭނުންވާތީ އެކަން ހިނގާ ގޮތެއް ސާފު ކުރައްވައި ތަފްސީލުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.