އަލީ ޔާމިން
ދުވާލެއްގެ މައްޗަށް 500 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ގުޅިފަޅުގައި ގާއިމުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން އެރަށުގައި ދުވާލެއްގެ މައްޗަށް 500 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއް އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑުގެ ސަބަބުން އައިސޮލޭޝަން ފެސިލިޓީތައް ގޮތުގައި ކަނޑައަޅައިފައިވާ ރަށްތަކަށްވެސް ފެނަށް ދަތިނުވާ ވަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީން ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އަދި ސަރުކާރުން އަންނަނީ އެރަށުގައި ވޯކާސް ވިލޭޖެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެ ވިލޭޖުގައި 40،000 އަށްވުރެ ގިނަ ބިދޭސީންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.