ޚަބަރު

ލިބުނު އަނިޔާއާ ގުޅިގެން ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށް މި އަންނަނީ ތައްޔާރުވަމުން: ޝިޔާމް

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވުމަށްފަހު، ގަދަކަމުން ޖަލްސާއިން ނެރުމުގައި އެމްޑީޕީ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަނިޔާ ލިބުމާ ގުޅިގެން ރާއްޖޭން ބޭރަށް އިިތުރު ފަރުވާ ހޯއްދަވަން ވަޑައިގަންނަވަން ތަައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ޝިޔާމް ނެރުއްވި ބަޔާނެއްގައިވަނީ މެންބަރުން އޭނާގެ ގަޔަށް އަތްލައި، އޭނާ ނެރުމުގެ ތެރޭގައި އޭނާގެ މައިބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާކަން ޓެސްޓުތަކުން ހާމަވާ ކަމަށެވެ. އެހެންވެ ހިނގާ ބިނގާވެ އުޅުމަށް މިހާރު ދަތިވާ ކަމަށާއި އަދި އިތުރު ސިއްހީ މައްސަލަތަކެއް ދިމާވާތީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިކަން ހާމަކޮށް، ޝިޔާމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ މެންބަރުން އޭނާގެ ގަޔަށް އަތްލައި ގަދަކަމުން ނެރުމުގެ ތެރޭގައި ލިބުނު އަނިޔާގެ ތެރޭގައި، މައިބަދައިގެ ތިރީ ބަދައެއް ކޮންމެވެސް ވަރަކަށް އެތެރެއަށް ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ބަދައިގައި ރެނދުއަޅައި މޭކަށިގަނޑަށް އަނިޔާ ލިބިފައިވާ ކަމަށް ޓެސްޓުތަކުން ހާމަވާ ކަމަށާއި އެކަމުގެ ސަބަބުން ހިނގައި އުޅުމަށް ދަތިވެފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

އެރޭގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ޝިޔާމަށް އަނިޔާވި މައްސަަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ބަޔާނުގައި ޝިޔާމް ވިދާޅުވެފައިވަނީ، އެރޭގެ ޖަލަސާގައި ދެކޮޅު ހައްދަވައި އަޑުއުފުއްލަވަން ފެއްޓެވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ކަންތަކުގައި ސުޕްރީމް ކޯޓުގެ ލަފަ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރިއަށްގެންދިއުމުން ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ ނަން އިއްވެވީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަން އިއްވެވުމަށްފަހު މަޖިލިސް ރައީސް އެންގެވި އެންގެވުމަށް ތަބާނުވި ކަމަށް ވިދާޅުވެ، އޭނާ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް އެންގެވީ މަޖިލިސް ރައީސް ކަމަށާއި އެއީ ވެސް މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރެއްވި ކަމެއް ކަމަށް ޝިޔާމު ވިދާޅުވެފައިވެއެވެ.

މަޖިލިސް ރައީސްގެ ޣައިރު ގާނުނީ އެ އެންގެވުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް، އެޗްޕީއޭގެ އެންގުންތަކާއި އެ އޭޖެންސީގެ ގައިޑްލައިންތަކާ ހިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތްލައި ގިނަ ގުނަ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވީ، އެރޭ އެމްޑީޕީން މެންބަރުން ކުރެއްވީ ޖިނާއީ ކުށްތަކެއް ކަމަށެވެ. އެ މައްސަލަ އިންސާފުވެރިކަމާއެކު ފުލުހުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި މެންބަރެއްގެ ހައިިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުމުގައި ކުރިއަށްވަޑައިގަންނަވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.