ކޮވިޑް 19އާ ގުޅިގެން މެދުކަނޑާލާފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިނާއި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފިއެވެ.
އޭޝިއަން ފުޓުބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށްފަހު ރާއްޖޭގެ ހޯމް ސްޓޭޑިއަމުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު ރާއްޖޭގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކަމަށްވާ ފިލިޕީންސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް އޭއެފްސީން ބުނެއެވެ.
އޭއެފްސީގެ ބަޔާނުގައި ބުނެފައިވަނީ މެޗުތައް އެ ތާރީހުގައި ބާއްވަން ނިންމާފައިވަނީ މެންބަރު އެސޯސިއޭޝަންތަކާއެކު ބޭއްވުނު ބައްދަލުވުންތަކަށްފަހު ކަމަށެވެ.
ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕުގެ ހަތަރު ވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓު ހޯދި ސީރިއާއެވެ. ދެވަނައިގައި އޮތް ޗައިނާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތާވަލުގެ ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ލިބުނު ފިލިޕީންސެވެ. ގްރޫޕުގެ ފުލުގައި އޮތީ ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިނުވާ ގުއާމްއެވެ.
ރާއްޖެއިން އަމާޒު ހިފާފައިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ. އެ ފުރުސަތު ތަނަވަސްކުރުމަށް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ "ގްރޫޕު އޭ"ގެ ރަނގަޅު ހިސާބެއްގައި ނިންމާލައި، އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ހޯދަން ޖެހޭނެއެވެ.