މުޖުތަމައުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހުތިރާމާއި ގަދަރު ދެވިއްޖެނަމަ ބިނާވެގެންދާނީ ރަނގަޅު މުޖުތަމައުއެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިދުމަތަށް މިއަދު 44 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި މިނިސްޓަރު ވަނީ، ޖެންޑާ މިނިސްޓްރީއާ ގާތުން މަސައްކަތްކޮށްގެން އެތަނުގައި ތިބި 200 ޕޭޝަންޓުންގެ އާއިލާތަކުން އެމީހުންނަށް ވަގުތާއި އަޅާލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ގުރައިދޫގައި ހުންނަ މަރުކަޒުގައި ބަލަހައްޓަމުން އަންނަނީ އުމުރުން ދުވަސްވީ މީހުންނާއި ސިކުނޑީގެ އުނިކަން ހުންނަ މީހުންނެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މައުލޫމާތުދެއްވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވިދާޅުވި ގޮތުގައި، މަރުކަޒުގެ ޖާގައަށްވުރެ ގިނަ މީހުން އެތާ ތިބެއެވެ.
މަރުކަޒުގެ ޖާގައަކީ 160 އަށްވާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ވެސް 200 މީހުން އެބަތިބި ކަމަށާއި އަދި ފަރުވާ ނިމި އާއިލާއާ ހަވާލުކުރަންޖެހޭ 35 މީހުން އޭރު ތިބި ނަމަވެސް އާއިލާއިން އެމީހުން ހަވާލުނުވާތީ ގެންދެވެން ނެތް ކަމަށް ވެސް އޭނާ އޭރު ވިދާޅުވިއެވެ.