ޚަބަރު

އައްޑޫ ސިޓީ މީދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަމިއްލަޔަށް ގެޔަށް ހިނގައްޖެ

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީ މީދޫން ރޭ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ އަމިއްލަޔަށް ގެޔަށް ހިނގައްޖެއެވެ.

މި މައްސަލައާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އަންހެން މީހާ އަމިއްލައަށް ގެއަށް ގޮސްފައިވަނީ ރޭ 23:00 ހާއިރު ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒް ވިދާޅުވީ އެމީހާ އިއްޔެ ގެއިން ނިކުމެގެން ދިޔައީ ގޭތެރޭގައި ހިނގި ކަމަކާ މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. އަދި އެމީހާ ގެއިން ނިކުމެގެން ގޮސް ދެން ހުރިތަނެއް ނޭނގޭ ކަމަށާއި އޭނާ އެނބުރި ގެޔަށް ދިޔައީ އަމިއްލަޔަށް ކަމަށްވެސް ހިޔާޒް ވިދާޅުވިއެވެ.

މި އަންހެން މީހާ ގެއްލިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 7:40 ހާއިރު އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 7:30 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް އެ އަންހެންމީހާ އެނބުރި ގެޔަށް ގޮސްފައިނުވާތީ ކަމަށް މީގެ ކުރިން ފުލުހުން މައުލޫމާތު ދީފައި ވެއެވެ.