ޚަބަރު

ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީން ފަށައިފި

މަރިޔަމް ޝަހުދާ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ ހޯމަ ދުވަހުއެވެ. އަދި މި މަސައްކަތް ފަށާފައިވަނީ މި ޕްރޮޖެކްޓަށް މެއި މަހު އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވަލް ލިބުމާއެކު ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެގޮތުން މި މަސައްކަތް ފަށާފައިވަނީ ކޮވިޑް 19އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓަކީ 57.1 މިލިއަން ރުފިޔާއަށް ބަޖެޓުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 53،522 ކިއުބް މީޓަރަށް ހަނިމާދޫ ބަނދަރު ފުންކުރުމާއި 31،575 މީޓަރަށް ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން، 270 މީޓަރުގެ އެއްގަމު ތޮށި ހެދުން، ދެ ނެރުބައްތި ޖެހުން، 20 ބަނދަރު ބައްތި ޖެހުން، އެއް ރޭމްޕް ހެދުން، 2583 ސްކެއާ މީޓަރުގެ ޕޭވްމެންޓް ހެދުން، 10 މޫރިންގް ބްލޮކް ހެދުން، 90 މީޓަރު ގުރޯއިން ހެދުން އަދި 50 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު ހަނިމާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.