ކްރިސްޓިއާނޯ ރޮނާލްޑޯ

ފުޓުބޯޅައިގެ ފުރަތަމަ ބިލިއަނަރަކަށް ރޮނާލްޑޯ

ފުޓުބޯޅައިގައި ފުރަތަމަ ބިލިއަނަރަކަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި މެގަޒިން، "ފޯބްސް" އިން ބުނާގޮތުގައި އުމުރުން 35 އަހަރުގެ ރޮނާލްޑޯއަށް ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެއީ ފުޓުބޯޅައިން 650 މިލިއަން ޑޮލަރު އަދި އެހެން ވިޔަފާރިތަކުން 350 މިލިއަން ޑޮލަރެވެ.

ފޯބްސް އިން އާންމުކުރި މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ސެލަބްރިޓީންގެ ލިސްޓުގައި ވެސް ރޮނާލްޑޯ އޮތީ ހަތަރުވަނައިގައެވެ. އޭނާގެ ކުރީގައި އޮތީ ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އާއި ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އަދި ކައިލީ ޖެނޭއެވެ. އޭގެ ތެރެއިން އުމުރުން 22 އަހަރުގެ ކައިލީ ޖެނާއަކީ ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަންނަނީ ވިޔަފާރި ތެރެއަށް ވެސް ވަންނަމުންނެވެ. އެގޮތުން ފެޝަނާއި ލައިފް ސްޓައިލް ބްރޭންޑް އަދި ހޮޓެލް ވިޔަފާރީގެ ތެރެއިން ވެސް ރޮނާލްޑޯ ފާހަގަކޮށްލެވެއެވެ.

ކޮވިޑް 19އާ ގުޅިގެން ރޮނާލްޑޯގެ އާމްދަނީއަށް ވެސް ވަނީ އަސަރުތަކެއް ކޮށްފައެވެ. ކޮވިޑާ ގުޅިގެން ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ކުޅުންތެރިން ވަނީ މުސާރައިގެ 30 އިންސައްތަ ކުޑަކުރަން ނިންމައިފައެވެ.

ރޮނާލްޑޯއާއެކު އޭނާގެ ވާދަވެރިޔާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވެސް ވަނީ ބިލިއަނަރުންގެ ލިސްޓުގެ ތެރެއަށް ވަނުމާ ގާތަށް ޖެހިލައިފައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން މުސާރައިގެ 70 އިންސައްތަ އުނިކުރަން ނިންމުމުން އެކަން ވަނީ މަޑުޖެހިފައެވެ. ރިޕޯޓުތައް ބުނާގޮތުގައި މެސީއަށް އަންނަ އަހަރު ބިލިއަނަރުންގެ ލިސްޓުން ޖާގައެއް ލިބޭނެއެވެ.