ޚަބަރު

ޝިދާތާއަށް ނަޝީދުގެ ރައްދު: ޗެއާޕާސަން އެއްޗެއް ވިދާޅުވީމަ އެވާހަކަ އަޑުއެއްސެވުން ބުއްދިވެރި

2

އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެއްޗެކޭ ވިދާޅުވުމުން އެ ދެއްކެވި ވާހަކަ އަޑު އައްސަވާލެއްވުން ބުއްދިވެރިކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިސްވެރިޔާ ޝިދާތާ ޝަރީފަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި މިވަނީ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ އިންސާފުވެރިކަމާއެކު މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުންނެވެ.

އެވާހަތަކަށް އެންމެ ފުރަތަމަ ފާޑުވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަންއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ހުރެގެން ނުވާނެ ކަމަށެވެ.

ހަސަންއަށް އަދާލަތު ޕާޓީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ރައްދު ދެއްވަމުން އަންނައިރު އޭނާއަށް ރައްދު ދެއްވައި ޝިދާތާ ވިދާޅުވީ، އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް، އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް، ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށެވެ. އަދި މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއަށް ވަންނަނީ އިމްރާންއާ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރެއްވުމަށް ކަމަށާއި މަޖިލީހުގެ މެންބަރުކަން ކުރަންވާނީ އަދި ބިޔަބޮޑު ޕާޓީގެ ޗެއާޕާސަންކަން ކުރަންވާނީ މިވަރު ދަންނަ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

ޝިދާތާގެ އެ ވާހަތަކާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕާސަން ކަންކަމާ އެއްޗެއް ވިދާޅުވީމަ އެ ދެއްކެވި ވާހަކަ އަޑު އައްސަވާލެއްވުން ބުއްދިވެރި ކަމަށެވެ.

"އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް މަދެއް ނުވާނެ. އަދި އަދާލަތު ޕާޓީގެ މުސްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ،" ޝިދާތާ ޓެގު ކުރައްވައި ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު މަޖިލިސް ތެރޭގައި ހަމަޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ، މަޖިލިސް ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެ މައްސަލަ މަޖިލީހުން ބޭރަށް ނެރެގެން ނުވާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟